އަތޮޅުކައުންސިލުން ، މާއެނބޫދޫ ކައުންސިލާއި ރައްޔިތުންނާއި ބައްދަލުކޮށްފި

 

ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ޤާނޫނުން އަތޮޅުކައުންސިލްގެ މައްޗަށް ލާޒިމްކޮށްފައިވާ ، ރަށްރަށުގެ ރަށުކައުންސިލްތަކާއި ރައްޔިތުންނާއި މަޝްވަރާކޮށް ޚިޔާލުހޯދުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން ، އަތޮޅުކައުންސިލުން މާއެނބޫދޫގެ ރައްޔިތުންނާއި ، ރަށުކައުންސިލާއި ބައްދަލުކޮށްފިއެވެ. މި ދެ ބައްދަލުވުމުގެ ތެރެއިން މާއެނބޫދޫގެ ރައްޔިތުންނާއި ބައްދަލުކުރުން  ބޭއްވިފައިވަނީ 16 ފެބްރުވަރީ 2017 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ބައްދަލުވުން ބާއްވާފައިވަނީ  މާއެނބޫދޫ ގައި ސަރުކާރުން އަލަށް އިމާރާތްކޮށްދެއްވާފައިވާ ، ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

މާއެނބޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ، އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޙަމްދީ ޢަބްދުﷲ  ދެއްކެވި ވާހަކަފުޅުގައި ، މާއެނބޫދޫގެ ރައްޔިތުންނަކީ ، ތަރައްޤީއަށް ލޯބިކުރާ ، އެކުވެރި ރައްޔިތެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މާއެނބޫދޫގައި ހިންގަވަމުންގެންދަވާ ބޮޑެތި މަޝްރޫޢުތަކަކީ ، މާއެނބޫދޫގެ ރައްޔިތުން ތަރައްޤީއަށް ބޭނުންވެ ، ކައުންސިލާއި ރައްޔިތުން ގުޅިގެން ސަރުކާރަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަމުގެ މިސާލެއްކަމުގައި ވިދާޅުވިއެވެ.

މިގޮތުން މާއެނބޫދޫގައި ސަރުކާރުން ހައްދާވާދެއްވާފައިވާ ބަނދަރާއި ، މާއެނބޫދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަތޮޅުކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި އަތޮޅުކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޙުސައިން ޝާކިރުގެ ވާހަކަފުޅުގައި ، އަތޮޅުކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ، ދ. އަތޮޅުގެ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތްތައް ލިބޭނޭގޮތަކަށް މަސައްކަތްތައް ރޭވުންކަމަށާއި ، މިގޮތުން ، މިހާރުވެސް އެއްމިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް އަތޮޅުކައުންސިލުން ހިންގަމުންދާކަމުގައި ވިދާޅުވިއެވެ. އެއީ ، ޓްރާންސްޕޯޓް އޮތޯރިޓީއިން ދެއްވަމުންގެންދަވާ އެންމެހާ ޚިދުމަތްތަކެއް އަތޮޅުކައުންސިލްގައި ޤާއިމްކުރުމަށް ހިންގަވާ ޕްރޮޖެކްޓެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ސައްތައިން ސައްތަ އަތޮޅުކައުންސިލުން ކުރާ ޚަރަދެއްކަމުގައިވެސް ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ދ. އަތޮޅުކައުްންސިލްގެ ރައީސް

މިޖަލްސާގައި މާއެނބޫދ ކައުންސިލްގެ ރައީސް އަލްފާޟިލް ޔޫސުފް ސައީދު ދެއްކެވި ވާހަކަފުޅުގައި އަތޮޅުކައުންސިލުން މިފަދަ ދަތުރެއް ކުރެއްވިކަމީ ވަރަށް އުފާކުރައްވާކަމެއްކަމަށާއި ، މިހާތަނަށް މިކަން ހިނގާފައިނުވި ނަމަވެސް ، މިއީ ރަނގަޅުފެށުމެއްކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ އަތޮޅުކައުންސަލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރުކާރުން މާއެނބޫދޫގައި ޤާއިމްކުރައްވަމުންގެންދަވާ ޚިދުމަތްތަކަށް ސަރުކާރަށް ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

މާއެނބޫދޫ ކައުންސިލްގެ ރައީސް

މާއެނބޫދޫގެ ކައުންސިލާއި ބައްދަލުކުރެއްވުމުގައި ، ރަށުކައުންސިލަށް ހުރި ދަތިތައް އޮޅުން ފިލުއްވަވާ ، އަތޮޅުކައުންސިލުން ދެވެންހުރި އެހީތެރިކަން އޮޅުންފިލުއްވެވިއެވެ. އަދި މިހާރު ދިމާވެފައިވާ ދަތިތައް އަވަސްފުރުބަތެއްގައި ހައްލުކޮށްދެއްވަން މަސައްކަތްކުރައްވާނޭކަމުގައި އަތޮޅުކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

 

Powered by WordPress | Demet Match Theme