ދ. އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މިއަހަރު ބާއްވާތާރީޚަކީ ، އަންނަ އޯގަސްޓް މަހުގެ 18،19،20 ކަމުގައި ދ. އަތޮޅުކައުންސިލުން ކަނޑައަޅައިފިއެވެ. މިމުބާރާތަކީ ، ދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއެކު ، ޤުރުއާން ކިޔެވުމުގެ ރޫޙް ރައްޔިތުންގެ މެދުގައި އާލާކުރުމަށާއި ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ދ. އަތޮޅު ތަމްޘީލުކުރާނެ ބައިވެރިން ހޮވުމަށް ބާއްވާ މުބާރާތެކެވެ. މިއަހަރު މިމުބާރާތް ބާއްވާގޮތަށް ހަމަޖެހިފައިވަނީ ، ދ. ރިނބުދޫގައެވެ. މުބާރާތާއިބެހޭ ހުރިހާ ލިޔުންތަކެއް މިހާރުވަނީ ރަށުކައުންސިލްތަކަށް ފޮނުވިފައިކަމުގައި އަތޮޅުކައުންސިލްގެ ކަމާބެހޭ ސެކްޝަނުން މައުލޫމާތު ދެއްވާފައި ވެއެވެ.
މުބާރާތް ހަމަޖެހިފައިވާގޮތުން ، މިމުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރަށުކައުންސިލްގެ ނަމުގައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މުބާރާތް ބާއްވާ އުސޫލަށް ވަނީ ބޮޑުބަދަލުތަކެއް ގެނެސްފައެވެ. މިބަދަލުތަކަކީ ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ގެނެސްފައިވާ ބަދަލަށް ، އަތޮޅުމުބާރާތް ބައްޓަންކުރުމަށްޓަކާ ގެނެވިފައިވާ ބަދަލެކެވެ. މިމުބާރާތުން 1 ވަނަ ދާ ފަރާތަކަށް 7000.00 ރ ( ހަތްހާސްރުފިޔާ ) ގެ އިނާމެއް ވަނީ އަތޮޅުކައުންސިލުން ކަނޑައަޅާފައެވެ.
މިމުބާރާތަކީ ސަންފައުންޑޭޝަންގެ ބާނީ ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އޮނަރަބްލް އަޙްމަދު ސިޔާމް މުޙައްމަދުގެ ސަތޭކަޕަސެންޓް ސްޕޮންސާރ ލިބިގެން ދ. އަތޮޅުކައުންސިލުން ކުރިޔަށް ގެންދާ މުބާރާތެކެވެ.